ރާއްޖޭގެ އިގްތިޞާދު ކުރިއެރުވުމަށް އެކި ދާއިރާތައް ކުރިއަރުވަން ޖެހޭ ކަމަށާއި ރިއަލްއެސްޓޭޓުގެ ޤާނޫނެއް ތަޢާރަފުކުރުމަށް ސަރުކާރުން ނިންމެވީ ވަކި މަޝްރޫޢަކަށް ޚާއްސަކޮށްގެން ނޫން ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ."އަހާ" ފޯރަމުގައި ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢާ ގުޅޭގޮތުން އާންމު ރައްޔިތަކު ވަނީ ސުވާލު ކޮށްފައެވެ. އެގޮތުން، މި މަޝްރޫއުގައި ޤާނޫނާއި ގަވާދުތަކާ ޚިލާފު އެއްވެސް ކަމެއް ހިމެނޭތޯ ވަނީ ސުވާލުކުރައްވާފައެވެ.ރަސްމާލޭގައި ހިންގަން ނިންމާފައިވާ މަޝްރޫޢާ ގުޅޭގޮތުން ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވީ ސަރުކާރުން އީގަލް ހިލްސްއާއެކު މިހާތަނަށް ސޮއިކޮށްފައިވަނީ "ކޮމާޝަލް ޓަރމް" އެގްރީމަންޓެއްގައި ކަމަށާއި ފުރިހަމަ އެއްބަސްވުމެއް ޤާއިމުކުރާނީ އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ޤާނޫނާއި މިހާރު އަމަލުކުރަމުންދާ އެހެނިހެން ޤާނޫނުތަކުގެ ތެރެއިން މަޝްވަރާތައް ކުރުމަށްފަހު ކަމަށް ވިދާޅުވިއެވެ.ބަންޑާރަނައިބު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގައި އައު ސިނާއަތްތައް އުފެއްދުމަށް ރިއަލްއެސްޓޭޓް ޤާނޫނުގެ އިތުރުން މިހާރު ހުރި ޤާނޫނުތަކަށްވެސް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން، ރިއަލްއެސްޓޭޓް ޤާނޫނާއެކު ރާއްޖޭގައި އައު ސިނާޢަތެއް އުފެދި، މުޅި ރާއްޖޭގައި އެފަދަ މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ."ރިއަލްއެސްޓޭޓް ޤާނޫނަކީ ވަކި ޕްރޮޖެކްޓަކަށް އަމާޒުކޮށްގެން އެކުލަވާލާނެ ޤާނޫނެއް ނޫން. މި ޤާނޫނުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަަހައްދެއްގައިވެސް މިފަދަ ޕްރޮޖެކްޓު ހިންގުމުގެ ފުރުޞަތު ބޭރުކުންފުނިތަކަށްވެސް އޮންނާނެ އަދި ރާއްޖޭގެ ކުންފުނިތަކަށްވެސް އޮންނާނެ. އެގޮތަށް އަޅުގަނޑުމެން މި ޤާނޫނު އެކުލަވާލަނީ. މި ޤާނޫނު އެކުލަވާލެވުނީމަ މި ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުން ރަސްމާލެ ބަޔަކާ ހަވާލުކުރަނީނަމަ އެކަން ކުރިއަށްގެންދާނީ،" ބަންޑާރަނައިބު ވިދާޅުވިއެވެ.





