ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް ހެޔޮއެދޭ ފަރާތްތަކުން ފައިސާ ދޭނެ ކަމަށާއި އެ ފައިސާގެ މުގާބިލުގައި ވަކި ކަމެއް ނާޖައިޒު ގޮތުގައި ނުކޮށްދޭ ހާލަތުގައި އޭގައި ހިފުމަކީ މައްސަލައެއް ނޫން ކަމަށް ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވީ ރ. ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ އެންމެ ފަހު އަޑުއެހުމުގަ އެވެ.
މި މައްސަލާގައި ހިމެނޭ އެއް މިލިއަން ޑޮލަރަކީ ޔާމީނަށް އެކި ގޮތްގޮތުން ލިބިފައިވާ ރުފިޔާ މާރުކޮށްގެން ހޯދި ފައިސާ ކަމަށް ދިފާއުގައި ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެންވެ، ދައުލަތުން ވަނީ ވިޔަފާރިކުރުން މަނާކޮށްފައިވާއިރު، ރައިސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވައިގެން އެހާ ގިނަ ފައިސާ ހޯއްދެވި ގޮތަކާ މެދު ސުވާލު އުފައްދަމުންނެވެ.
ހުލާސާ ބަޔާން އިއްވަން މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ އަމަލީ ގޮތުން ވިޔަފާރި ނުކުރެއްވި ނަމަވެސް، ތަންތަން ކުއްޔަށް ދީގެންނާއި އެހެން ގޮތްގޮތުން ވެސް އާމްދަނީ ހޯދޭ ކަމަށެވެ. އަދި، ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އޭނާގެ އަތުގައި ގިނަ އަދަދެއްގެ ފައިސާ ހުރިކަން މާލީ ބަޔާންތަކުން ވެސް ފެންނަން އޮންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ހެޔޮއެދޭ މީހުންދޭ ފައިސާ ދިނުމާއި އޭގައި ހިފުމަކީ މަނާކޮށްފައި އޮންނަ ކަމެއް ނޫން ކަމަށާއި އޭގެ މައްސަލައެއް ދިމާވީ އެގޮތަށް ދޭ ފައިސާގެ ބަދަލުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކޮށްފި ކަމަށްވާ ނަމަ ކަމަށް ފަސް އަހަރު ވެރިކަން ކުރެއްވި ޔާމީން ވިދާޅުވި އެވެ.




