ސަރުކާރުން މިހާރު އަމާޒު ހިފާފައިވާ މިސްރާބާ އެކު ޑޮލަރުގެ މައްސަލަ ހައްލުވެ، "މި ދަތި ހާލަތުން" އަރައިގަނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެއާ އެކު ކަންބޮޑުވަނީ އަބަދުވެސް ރާއްޖެ ނުދަރައިގެން ނުވަތަ ބަނގުރޫޓު ނުވެގެން ބަޔަކު އުޅޭތީ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިގޮތަށް ވިދާޅުވީ މިނިސްޓްރީގެ ފަރާތުން ތައްޔާރުޔުކުރި ވީޑިއޯ މެސެޖެއްގަ އެވެ. ސައީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްތަކާ އެކު "ގައުމު ސަލާމަތުގެ އައްސޭރިއަކަށް" ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް މިދިޔަ ބުރާސްފަތި ދުވަހު ދައްކައި ހަލާސް ކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އެއާ ގުޅުވައިގެން ދައްކާ ވާހަކަތަކުގެ ވެސް ހަގީގަތެއް ނެތް ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ ދިވެހިންގެ މެދުގައި ޝައްކާއި ވަހުމް އުފައްދައި މާކެޓްގެ އިތުބާރު ގެއްލުވައިލަން އާންމު އުސޫލުން ދައްކާ ވާހަކަތަކެކެވެ.
"އަޅުގަނޑު ޔަގީންކަން އަރުވަން، އިރާދަކުރެއްވިއްޔާ އެއްވެސް ބާވަތެއްގެ އަސާސީ މުދަލެއް، ކާޑުގެ ބާވަތެއް، ނުވަތަ ތެލާއި ގޭސް ލިބުމުގައި އެއްވެސް ދައްޗެއް އަދި ހުރަހެއް ނެތްކަމަށް. އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެ މިއިން އެއްވެސް އެއްޗަކަށް ނުޖެހި މިދިޔަ ދުވަސްތަކުގައި ވެސް މިދިޔައީ، އިންޝާ ﷲ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދާނީ އެހެން." ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރައީސް މުއިއްޒު އެންމެ އިސްކަން ދެއްވި އެއް ކަމަކީ ދިވެހި ދައުލަތް ޑިފޯލްޓް ނުވެ، ސުކޫކް އަނބުރާ ދެއްކުމަށް ކަމަށެވެ. ދިވެހި ތާރީހުގައި ވެސް ސުކޫކްގެ ގޮތުގައި ނެގި އެންމެ ބޮޑު އަދަދު އެ ތާރީހަށް ދައްކައި، ރޭޓިން ވެސް ރަނގަޅު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.





