ރަމަޟާން މަހަށް އަމާޒުކޮށްގެން ދަނޑުވެރިން ހައްދާ ކާބޯތަކެތީގެ ބާވަތްތައް މާލެ ގެނެސް ވިއްކުމަށްޓަކައި ހިންގާ ދަނޑުވެރިންގެ ބާޒާރުގައި، އަންނަ އަހަރުގެ ރަމަޟާން މަހު ތަކެތި ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އެ ފުރުސަތު ހުޅުވާލައިފިއެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށް މި ފުރުސަތު ހުޅުވާލާފައިވާއިރު، މި ބާޒާރުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް މިނިސްޓްރީއަށް މައުލޫމާތު ހިއްސާކުރުމަށް އެދިފައިވެއެވެ. މިގޮތުން އަންނަ އަހަރުގެ ރަމަޟާން މަހު މާރުކޭޓުގައި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުގެ މައުލޫމާތު ހުށަހެޅުމަށް މިހާރު ހުރިހާ ކައުންސިލްތަކަށް އަންގާފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި، އަންނަ އަހަރުގެ ރަމަޟާން މަހު މި މާރުކޭޓު ގާއިމްކުރާނެ ވަކި ތަނެއް ކަނޑައަޅާނީ ބައިވެރިވުމަށް އެދި ނަން ހުށަހަޅާ ރަށްރަށުގެ ނިސްބަތާއި އަދަދަށް ބެލުމަށްފަހުގައެވެ.
މި މާރުކޭޓަކީ ރާއްޖޭގެ އެކި ރަށްރަށުގެ ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހަކަމާއެކު މާލޭ ސަރަހައްދުގައި ވިއްކޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުވެސް ހާބަރު ސަރަހައްދުގައި ކުރިން ކެފޭ ހިންގި ތަނުގައި މިފަދަ ބާޒާރެއް ކާމިޔާބުކަމާއެކު ހިންގާފައިވެއެވެ. އެ ބާޒާރަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުއިރު، 'މޯލްޑިވްސް ފުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް' (އެމްގެޕް) ސެޓިފައިޑް 10 ދަނޑެއްގެ އުފެއްދުންތައް މިއަހަރުގެ މާރުކޭޓުގައި ވިއްކާފައިވާކަން ވުޒާރާއިން ފާހަގަކުރެއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވަގުތީ މާރުކޭޓު ހިންގުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބާޒާރުގައި ވިއްކޭނީ ހަމައެކަނި ރާއްޖޭގެ ރަށްރަށުގައި ހައްދާފައިވާ ތާޒާ މޭވާއާއި ތަރުކާރީގެ ބާވަތްތައް އެކަންޏެވެ. އަދި އެހެން އެއްވެސް ބާވަތެއްގެ ތަކެތި ވިއްކުމަކީ މަނާ ކަމެކެވެ. މީގެއިތުރުން، މި މާރުކޭޓުގެ އެއްވެސް ވިޔަފާރިއެއްގެ މަސައްކަތުގައި ބިދޭސީން ބައިވެރިކުރުމާއި ހަރަކާތްތެރިވުމަކީ މުޅިން މަނާކަމެއް ކަމަށްވެސް އެ އުސޫލުގައި ކަނޑައަޅާފައިވެއެވެ.

.webp)



